ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނަށް 3 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނުގެ ދަށުން ޓެކްސް އެޕީލް ޓްރައިބިއުނަލަށް އިސްތިއުނާފުކުރާ މައްސަލަތަކުގައި އިސްތިއުނާފުކުރާ ފަރާތުން ފުރިހަމަ ކުރަންޖެހޭ އިޖުރާއަތުތައް ވަނީ ބަދަލުވެފައެވެ.
ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނަށް 3 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނުގެ 5 ވަނަ މާއްދާގައި ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ 44 ވަނަ މާއްދާ (ޓްރައިބިއުނަލަށް މައްސަލަ ހުށަހެޅުން) ގެ ދަށުން މީރާއަށް ހުށަހަޅާ އިއުތިރާޒުކުރާކަމުގެ އެންގުމަކާ ގުޅިގެން މީރާއިން ނިންމާ ނިންމުން ނިންމާތާ 60 (ފަސްދޮޅަސް) ދުވަހުގެ ތެރޭގައި މި ޓްރައިބިއުނަލަށް މައްސަލަ ހުށަހެޅޭގޮތަށް އެ މާއްދާ އިޞްލާޙުކޮށްފައިވެއެވެ.
މީރާއިން ނިންމި ނިންމުމަކީ ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ 39 ވަނަ މާއްދާގެ ދަށުން ކަނޑައަޅައިފައިވާ ޢަދަދަކާ ގުޅޭ މައްސަލައެއްނަމަ، އެ މައްސަލަ އިސްތިއުނާފުކުރުމުގެ ކުރިން ދައްކަންޖެހޭ ޢަދަދުގެ %30 (ތިރީސް އިންސައްތަ) ދެއްކުމުގެ ބަދަލުގައި، ޓެކްސް ދައްކާ ފަރާތުން އިއުތިރާޒުކުރާ ޢަދަދުގެ %25 (ފަންސަވީސް އިންސައްތަ) މީރާއަށް ދެއްކުމަށްފަހު، މި ޓްރައިބިއުނަލަށް އެފަދަ މައްސަލަ ހުށަހެޅޭނެއެވެ. އިއުތިރާޒުކުރާ ޢަދަދުގެ %25 (ފަންސަވީސް އިންސައްތަ) ހިސާބުކުރާނީ އެއްވެސް ޖޫރިމަނާއެއް ނުވަތަ އިންޓްރެސްޓެއް ނުހިމަނައެވެ.
މި އިޞްލާޙަށް ޢަމަލުކުރަން ފެށުމުގެކުރިން މީރާއަށް އިއުތިރާޒުކޮށް، އެ އިއުތިރާޒާމެދު ނިންމުމެއް ނިންމައިފައިވާ މައްސަލަތައް ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ ދަށުން މި ޓްރައިބިއުނަލަށް މައްސަލަ ހުށަހެޅުމަށް ކަނޑައަޅައިފައިވާ 30 (ތިރީސް) ދުވަހުގެ މުއްދަތު ހަމަނުވާ މައްސަލަތައް، އެ ނިންމުން ނިންމި ތާރީޚުން ފެށިގެން 60 (ފަސްދޮޅަސް) ދުވަހުގެ ތެރޭގައި މި ޓްރައިބިއުނަލަށް ހުށަހެޅޭނެއެވެ