ޓެކްސް އެޕީލް ޓްރައިބިއުނަލުން 15 ޖޫން 2020 ގައި ނެރެފައިވާ “ޓެކްސް އެޕީލް ޓްރައިބިއުނަލްގެ އަޑުއެހުންތައް ދުރުން ކުރިއަށްގެންދާނެ ގޮތުގެ އުސޫލު” އަދި “ސިއްޙީ ކުއްލި ނުރައްކަލުގެ ހާލަތުގައި މަސައްކަތްކުރާނެ ގޮތުގެ އުސޫލު” އަދި ގަވާއިދު ނަންބަރު 2021/R-75 (ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ގަވާއިދު 2021) އަށް ހަވާލާދީ ދަންނަވަމެވެ.
ޤަރާރު ނަންބަރު 2022/3 (މިނިސްޓްރީ އޮފް ހެލްތުގެ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އުވާލުމަށް އިއުލާނުކުރާ ޤަރާރު) ގެ ދަށުން ދިވެހިރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި 12 މާރިޗު 2020 އިން ފެށިގެން އިއުލާނުކޮށްފައިވާ އާންމު ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު، 2022 މާރިޗު 13 ވަނަ ދުވަހުން ފެށިގެން އުވައިލުމަށް ނިންމައިފައިވާތީ، މި ޓްރައިބިއުނަލަށް މައްސަލަ އިސްތިއުނާފުކޮށްފައިވާ ފަރާތްތަކަށާއި މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީއިން އަންނަނިވި ކަންކަމަށް ސަމާލުވުމަށް ދަންނަވަމެވެ.
1.ޤަރާރު ނަންބަރު 2022/3 ގެ ދަށުން ދިވެހިރާއްޖޭގައި އިއުލާނުކޮށްފައިވާ އާންމު ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ނިމުމަކަށް ގެނެސްފައިވީނަމަވެސް، މި ޓްރައިބިއުނަލުން އެހެން ގޮތަކަށް އަންގަންދެން، އަޑުއެހެންތައް ކުރިއަށްގެންދާނީ ގަވާއިދު ނަންބަރު 2021/R-75 (ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ގަވާއިދު 2021) ގެ ބާރަވަނަ ބާބު (ދުރުން ހިދުމަތް ދިނުން) ގެ 88 ވަނަ މާއްދާގެ (ހ) ގެ ދަށުންނެވެ.
2.ޓްރައިބިއުނަލުގެ މައްސަލަތައް ކުރިއަށްގެންދިއުމުގައި ޢަމަލުކުރާނީ، ގަވާއިދު ނަންބަރު 2021/R-75 (ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ގަވާއިދު 2021) ގެ ބާރަވަނަ ބާބު އާއި ޓެކްސް އެޕީލް ޓްރައިބިއުނަލުން 15 ޖޫން 2020 ގައި ނެރެފައިވާ “ޓެކްސް އެޕީލް ޓްރައިބިއުނަލްގެ އަޑުއެހުންތައް ދުރުން ކުރިއަށްގެންދާނެ ގޮތުގެ އުސޫލު” އާ އެއްގޮތަށެވެ.
3.”ޓެކްސް އެޕީލް ޓްރައިބިއުނަލްގެ އަޑުއެހުންތައް ދުރުން ކުރިއަށްގެންދާނެ ގޮތުގެ އުސޫލު” ގެ 5 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުން، 23 މާރިޗު 2022 އިން ފެށިގެން މަޙްޟަރު ބަޔާންތަކުގައި ސޮއިކުރާނީ މައްސަލައިގެ ހަސްމުން ޓްރައިބިއުނަލަށް ހާޒިރުވެގެންނެވެ.