ތަޢާރަފް
ޓެކްސް އެޕީލް ޓްރައިބިއުނަލް އަކީ ޓެކްސްއާއި ގުޅޭ މައްސަލަތައް ބެލުމަށް، ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ ދަށުން އުފައްދާފައިވާ މުޢައްސަސާއެކެވެ.
ބާރުތައް
ޓްރައިބިއުނަލްއިން ބެލުމަށް ޤާނޫނުގެ ދަށުން ކަނޑައަޅާ މައްސަލަތައް ބަލައި ޓްރައިބިއުނަލްއަށް ރަނގަޅުކަމަށް ފެންނަ ގޮތަކަށް އެމައްސަލަތައް ނިންމުމުގެ ބާރު ޓްރައިބިއުނަލްއަށް ލިބިގެންވެއެވެ.
ޓްރައިބިއުނަލް އަށް ހުށަހެޅޭ މައްސަލަތައް ބެލުމަށްޓަކައި މީހުން ހާޒިރުކުރުމާއި، ހެކިބަސް ހޯދުމާއި، ހެއްކާއި ޤަރީނާ ހޯދުމާއި، އަދި މިނޫންވެސް މައްސަލައިގެ ހަޤީޤަތް ހޯދާ ކަށަވަރުކުރުމަށް ކުރަންޖެހޭ ކަންތައްތައް ކުރުމުގެ ބާރު ޓްރައިބިއުނަލްއަށް ލިބިގެންވެއެވެ.
ޓްރައިބިއުނަލް އެކުލެވިގެންވާ ގޮތް
ޓްރައިބިއުނަލް އެކުލެވިގެންވަނީ 5 މެމްބަރުންގެ މައްޗަށެވެ. ޓްރައިބިއުނަލް އަށް މެމްބަރުން އައްޔަން ކުރަނީ ރައްޔިތުން މަޖިލިހުގެ މެމްބަރުންގެ ރުހުމާއެކު ރައީސުލްޖުމްޙޫރިއްޔާއެވެ.
ޓްރައިބިއުނަލްއަށް މައްސަލަ ހުށަހެޅުން
ޓްރައިބިއުނަލް އަށް މައްސަލަ ހުށަހަޅާނީ މައްސަލަ ހުށަހަޅާ ފޯމުންނެވެ.
ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން ނުވަތަ މީރާއިން ނިންމާ ނިންމުމަކާމެދު ޓެކްސް ދައްކާ ފަރާތުން މީރާއަށް ހުށަހަޅާ އިއުތިރާޒުކުރާކަމުގެ އެންގުމަކާ ގުޅިގެން މީރާއިން ނިންމާ ނިންމުމަކާމެދު ޓެކްސް ދައްކާ ފަރާތުން ހިތްހަމަނުޖެހޭނަމަ، އެ ނިންމުން ނިންމާތާ 60 (ފަސްދޮޅަސް) ދުވަހުގެ ތެރޭގައި، އެ މައްސަލައެއް ޓެކްސް އެޕީލް ޓްރައިބިއުނަލަށް ހުށަހެޅިދާނެއެވެ.
ޓެކްސް ދައްކާ ފަރާތުން ޓެކްސް އެޕީލް ޓްރައިބިއުނަލަށް ހުށަހަޅަނީ ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ 39 ވަނަ މާއްދާގެ ދަށުން މީރާއިން ކަނޑައަޅައިފައިވާ ޓެކްސްގެ އަދަދަކާ ގުޅިގެން ކަމަށްވާނަމަ، އެ މައްސަލައެއް އިސްތިއުނާފުކުރެވޭނީ، ޓެކްސް ދައްކާ ފަރާތުން އިއުތިރާޒުކުރާ އަދަދުގެ %25 (ފަންސަވީސް އިންސައްތަ) އާ އެއްވަރުގެ އަދަދެއް މީރާއަށް ދެއްކުމަށްފަހުގައެވެ.
ޓްރައިބިއުނަލްގެ ނިންމުން
ޓްރައިބިއުނަލްގެ ނިންމުންތަކަކީ އެމައްޗަށް ޢަމަލުކުރަންޖެހޭ ފަހުގެ ނިންމުންތަކެވެ.
ޓްރައިބިއުނަލްގެ ނިންމުމާމެދު ހިތްހަމަނުޖެހޭނަމަ އެނިންމުމެއް ހައިކޯޓަށް އިސްތިޢުނާފަށް ހުށަހެޅިދާނެއެވެ.