ޓެކްސް އެޕީލް ޓްރައިބިއުނަލް

ތަޢާރަފް

ޓެކްސް އެޕީލް ޓްރައިބިއުނަލް އަކީ ޓެކްސްއާއި ގުޅޭ މައްސަލަތައް ބެލުމަށް، ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ ދަށުން އުފައްދާފައިވާ މުޢައްސަސާއެކެވެ.

ބާރުތައް

ޓްރައިބިއުނަލްއިން ބެލުމަށް ޤާނޫނުގެ ދަށުން ކަނޑައަޅާ މައްސަލަތައް ބަލައި ޓްރައިބިއުނަލްއަށް ރަނގަޅުކަމަށް ފެންނަ ގޮތަކަށް އެމައްސަލަތައް ނިންމުމުގެ ބާރު ޓްރައިބިއުނަލްއަށް ލިބިގެންވެއެވެ.

ޓްރައިބިއުނަލް އަށް ހުށަހެޅޭ މައްސަލަތައް ބެލުމަށްޓަކައި މީހުން ހާޒިރުކުރުމާއި، ހެކިބަސް ހޯދުމާއި، ހެއްކާއި ޤަރީނާ ހޯދުމާއި، އަދި މިނޫންވެސް މައްސަލައިގެ ހަޤީޤަތް ހޯދާ ކަށަވަރުކުރުމަށް ކުރަންޖެހޭ ކަންތައްތައް ކުރުމުގެ ބާރު ޓްރައިބިއުނަލްއަށް ލިބިގެންވެއެވެ.

ޓްރައިބިއުނަލް އެކުލެވިގެންވާ ގޮތް

ޓްރައިބިއުނަލް އެކުލެވިގެންވަނީ 5 މެމްބަރުންގެ މައްޗަށެވެ. ޓްރައިބިއުނަލް އަށް މެމްބަރުން އައްޔަން ކުރަނީ ރައްޔިތުން މަޖިލިހުގެ މެމްބަރުންގެ ރުހުމާއެކު ރައީސުލްޖުމްޙޫރިއްޔާއެވެ.

 

ޓްރައިބިއުނަލްއަށް މައްސަލަ ހުށަހެޅުން

ޓްރައިބިއުނަލް އަށް މައްސަލަ ހުށަހަޅާނީ މައްސަލަ ހުށަހަޅާ ފޯމުންނެވެ.

މީރާގެ ނިންމުމަކާމެދު ޓެކްސް ދައްކާ ފަރާތުން އިޢުތިރާޒްކުރާނަމަ އެއެންގުމެއް އެންގި ތާރީޚުން ފެށިގެން 30 ދުވަހުގެ ތެރޭގައި އެއެންގުމަކާމެދު އިޢުތިރާޒްކުރާ ސަބަބުތައް މީރާއަށް ލިއުމުން އެންގުމަށްފަހު އެކަމާއި މެދު މީރާއިން ނިންމިގޮތާއި މެދު ހިތްހަމަނުޖެހޭނަމަ އެއެންގުން އެންގިތާ 30 ދުވަހުގެ ތެރޭގައި ޓެކްސް އެޕީލް ޓްރައިބިއުނަލްއަށް މީރާގެ ނިންމުން އިސްތިޢުނާފް ކުރުމަށް އެދި ހުށަހެޅިދާނެއެވެ. އިސްތިޢުނާފަށް ހުށަހެޅޭނީ މީރާއިން ޓެކްސް ދައްކާފަރާތަށް ވަކި އަދަދެއް ދެއްކުމަށް އަންގާފައިވާނަމަ އެއަދަދެއް ދެއްކުމަށްފަހު އަދި އެއްވެސް ޓެކްސް ޤާނޫނެއްގެ ދަށުން ދައްކަންޖެހިފައިވާ ފައިސާއެއް ދައްކާފައިވާނަމައެެވެ.

ޓްރައިބިއުނަލްގެ ނިންމުން

ޓްރައިބިއުނަލްގެ ނިންމުންތަކަކީ އެމައްޗަށް ޢަމަލުކުރަންޖެހޭ ފަހުގެ ނިންމުންތަކެވެ.

ޓްރައިބިއުނަލްގެ ނިންމުމާމެދު ހިތްހަމަނުޖެހޭނަމަ އެނިންމުމެއް ނިންމިތާ 30 ދުވަހުގެ ތެރޭގައި ހައިކޯޓަށް އިސްތިޢުނާފަށް ހުށަހެޅިދާނެއެވެ.